ޞާދިރު ޢަލީދީދީ   20 ފެބްރުއަރީ 2021 - 11:27
ވޭނީކަރުނަ
ވޭނީކަރުނަ
49 ވަނަ ބައި

..................

[ދެން އެންމެ ރަނގަޅެވެ. ތިޔަވަރުން ފުދިއްޖެއެވެ.... ރަމްލާ ބޭނުމިއްޔާ ހަމަގައިމުވެސް އަހަރެން ދިރި ހުންނާނަމެވެ. ރަމްލާގެ އިންތިޒާރުގައި ދިރި ހުންނާނަމެވެ. އަހަރެންގެ ބޭނުމަކީ ހަމައެކަނި ލޯބިވެރިޔާގެ ރީތި ހަށިގަނޑު ދެކެލުމެވެ.... އަހަރެން މިހާރު މި ދިރިހުންނަނީ ރަމްލާގެ ސިފަ ހަމައެންމެ ފަހަރަކު ދެކެލުމަށް ޓަކައެވެ. އަދިވެސް ބުނެބަލާށެވެ..... ރަމްލާއެވެ..... ބުނެބަލާށެވެ........] [ކީކޭތޯއެވެ... އަޅުގަނޑަކަށް އެކައްޗެއްވެސް ނުވިސްނެއެވެ....] ރަމްލާ ތުންފަތުގައި ދޫކާއްތާލަމުން ބުންޏެވެ. [ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކަތަކެއް ތޯއެވެ؟]

[ރަމްލާއަށް ހުރިހާކަމެއް އެނގެއެވެ. އަހަރެން މިދައްކާ ހުރިހާވާހަކައެއް އެނގޭނެއެވެ. އަދި ނުބުނަން ތިޔައުޅޭ ހުރިހާ ވާހަކައެއް އަހަންނަށް އެނގެއެވެ. ރަމްލާގެ ކަންބޮޑުވެފައިވާ މޫނުސާފުކޮށް އަހަންނަށް އެބަފެނެއެވެ. ތިޔަ ރީތި ނިތްކުރީގައިވާ ޝަބްނަމްގެ ތިކިތައް ހުރިހާ ސިއްރެއް ފާޅުކޮށްދެއެވެ.]

ރަމްލާ ބޭއިޚްތިޔާރުގައި ނިތްކުރީގައި އަތްޖައްސާލިއެވެ. އޭނާގެ މުޅި މޫނުވަނީ ދަލުން ތެމި ފޯވެފައެވެ. ދެން ހަމަކުއްލިއަކަށް އޭނާގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލިއެވެ. އޭނާ މަޑުމަޑުން ފޯނު އަތްގަނޑު ބާއްވައިފިއެވެ. އޭނާއަށް އަމިއްލަ މޫނުމަތީގައިވާ ސިއްރުތައް ނުފޮރުވުނެވެ. އަދި އެވާހަކަތައް ބުނުމަކަށް އޭނާއެއް ނޭދެއެވެ.

ރަމްލާ ރިސީވަރު ބާއްވާފައި އުދުހެމުން ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި ނާނާ ކިޔަމުންގޮސް ޑަންލާފައި ދޫލަމަތީގައި އިށީދެއްޖެއެވެ. އަދި އިސްތިރީގެ ސުވިޗް އޮން ކޮށްލިއެވެ. ފެހިބޮކި، ލޯބިވެރިޔާގެ އަސަރުގަދަ އިޝާރާތާ އެއްގޮތަށް ދިއްލައިގެން ހިނގައްޖެއެވެ.

އިސްތިރި ކުރަން ހުރިއިރު އޭނާ އުދުހެމުން ދިޔައީ ކޮންކަހަލަ ޖައްވެއްގައި ކަމެއްވެސް ނޭނގެއެވެ.

މައިދައިތަ ކޮޓަރިއަށް އައިއިރު ރަމްލާ މަސްތީ ދުނިޔެއެއްގެ ތެރެއަށް ގެއްލިފައި އިނެވެ.... ތުންފަތުގައި ހުރީ ތެތްކަމެވެ... ހިނިތުން ވެވިފައެވެ... އަދި ލޮލުގެ ރާތަށި ފުރިގެން ބަނޑުންވޭވެ ހުއްޓެވެ. އޭނާ ގެއްލިފައި އިންވަރުން މައިދައިތަ އެތެރެއަށް އައިކަމެއްވެސް ނޭގުނެވެ. މައިދައިތަ ރަމްލާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ... ދެން ބުންޏެވެ.

[ދަރިފުޅާއެވެ. ގެއްލިފައި ތިޔައިނީ ކޮން ޚިޔާލެއްގެ ތެރެއަށް ހެއްޔެވެ؟]

ރަމްލާ ސިހިފައި އިސްތިރިއާއި ދިމާއަށް ބަލާލިއެވެ.

[އަހަންނާ އެކުގައި ޔޫރަޕަށް ދާނަން ހެއްޔެވެ؟ ރަމްލާއެވެ.]

މުޢާޒު ހީލާފައި މިހެން ބުނުމުން ރަމްލާ ހާސްވެއްޖެއެވެ. އާއެކޭވެސް ނުބުނެވުނެވެ. ނޫނެކޭވެސް ނުބުނެވުނެވެ. ހަމައެކަނި މޮޔައެއް ފަދައިން މުޢާޒުގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

މުޢާޒު ހެމުން ބުންޏެވެ.

[ހިނގާށެވެ....... ގޮސް ހަނީމޫން ފާހަގަކޮށްލާފައި އަންނާނީއެވެ.]

[މިހާރު.....] ރަމްލާ ގަދަކަމުން އަޑުނެރުނެވެ. [މިހާރު މިއީ ކޮން މޫސުމެއްތޯއެވެ.]

[މޮޔަޔާއެވެ. މިހާރު މިއޮތީ ދަނޑިވަޅު ލިބިފައެވެ.] މުޢާޒު ލޯތްބާއެކު ރަމްލާގެ ލޮލުގެ ތެރެއެށް ފީނައި ގަންނަމުން ބުންޏެވެ. [އަހަރެމެންގެ ކާވެނި ހަމަކުރެވުނު ތަނާހެން ޑަކްޓަރު އޮތީ ރަމްލާ ދަތުރުކުރުން މަނާކޮށްފައެވެ. އެކަމަކު މިހާރު މިއޮތީ އެދުވަސްގޮސް ހުއްދަލިބިފައެވެ. މަޢޫޒުވެސް އެންމެ ރަނގަޅަށް މަންމައާ އޮޅުވެއްޖެއެވެ. ޔޫރަޕަށްދާން ފުރަމާ ހިނގާށެވެ.]

[ތިޔަބުނުއްވާ ގޮތުން ހީވަނީ އެއީ ތިންހަތަރު މޭލެއްގެ ދުރުގައިވާ ތަނެއް ހެންނެވެ.]

[ރަމްލާއެވެ..... މިހާރު މިއޮތީ ދުނިޔެ ކުރުގެޅިފައެވެ. ދަތުރު ފަތުރުކުރުން ފަސޭހަވެފައެވެ.] ރަމްލާއަށް ހީވީ ކުއްލިއަކަށް ދަލެއްގައި ޖެހި ހައްޔަރުވީ ކަމުގައެވެ. އަތްފައި ހަލުވާލައިގެން ސަލާމަތްވާން އުޅުނު ވަރަކަށް ދަލުގެ މަޅިތަކަށް ބާރުވަމުން ދަނީއެވެ.

ރަމްލާ ކަންބޮޑުވެފައި އިންތަން ފެނުމުން މުޢާޒު އަނެއްކާވެސް ހޭން ފަށައިފިއެވެ. ދެން ބުނަން ފެށިއެވެ.

[އޮފީހުގެ ފަރާތުން އަހަރެން ހަމަސްދުވަހަށް ޔޫރަޕަށް ފޮނުވަނީއެވެ. އަހަރެން ގަސްތުކުރަނީ ރަމްލާވެސް ގެންދިއުމަށެވެ. އޭރުން އަހަރެމެންނަށްވެސް މީހުން އުޅޭގޮތް އެނގިދާނެއެވެ.]

[ހަމަސް ދުވަހޭތޯއެވެ......] ރަމްލާ ބޭއިޚްތިރާޔުގައި ބުންޏެވެ........

[ރަމްލާ ގޮވައިގެން ދާން މިއުޅެނީ އެހެން ވެގެންނެވެ.] މުޢާޒު ބުންޏެވެ.

[އެކަމަކު މިހާ ކުޑަކުޑަ ކުއްޖަކު ގޮވައިގެން........]

[ކޮއިފުޅާއެވެ.... ހަނީމޫން ފާހަގަކުރަން ދާއިރު ކުދިން ގޮވައިގެން ދަނީ ކީއްކުރަން ހެއްޔެވެ؟]

[ނޫނެކެވެ.] ރަމްލާ ކަންބޮޑުވެއްޖެއެވެ. [އަޅުގަނޑަށް މަޢޫޒުއާ ނުލާ ހަމައެންމެ ދުވަހަކުވެސް ނޫޅެވޭނެއެވެ.]

[އަހަންނާ ނުލާވެސް ނޫޅެވޭނެދޯއެވެ.]

ރަމްލާ ބޭއިޚްތިޔާރުގައި މުޢާޒުގެ މޫނަށް ބަލާލިއެވެ. އެލޮލުގައިވަނީ ކޮން އެއްޗެއްކަމެއް ނޭގެއެވެ. ރަމްލާ އިސްޖަހާލިއެވެ. އެކަމަކު އޭނާގެ ހިތަށް ތޫނުކަށްޓެއް ހެރިއްޖެއެވެ. އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލި ވަރުން ލޮލުން ފެން އަތުވެއްޖެވެ.

[މިހާ ކުޑަކުޑަ ކަމަކާ ރޮނީ ހެއްޔެވެ؟] މުޢާޒު ރަމްލާގެ އަތުގައި ހިފައިފިއެވެ. އެއާއެކު ރަމްލާ ލޯމަރާލިއެވެ. ދެން ރަނގަޅަށް ރޯން ފަށައިފިއެވެ.

[މޮޔަޔާއެވެ....] މުޢާޒު ކަރުނަ ފޮހެދިނެވެ.

[މިހާރު މިއުޅޭ ކުދިން ތިބެނީ ބޭރު ދަތުރެއްކުރާ ހިތުން ކެތްމަދުވެފައެވެ... ފާޑު ފާޑުގެ ބަހަނާ ހޯދައެވެ.... އެކަމަކު ރަމްލާ......... ރަމްލާއެވެ. ތިޔައީ އަޖައިބެއްފަދަ މިޒާޖެއްގެ ވެރި އަންހެނެކެވެ.....]

ރަމްލާ އަނެއްކާވެސް އިސްޖަހާލިއެވެ.

މަޢޫޒު މަންމައާ ވަރަށް ބޮޑަށް އޮޅުވެއްޖެއެވެ..... އަދި އޭނާއާމެދު މަންމަ ފަރުވާ ބަހައްޓާވަރު ރަމްލާއަށް ރަނގަޅަށް އެނގޭނެއެވެ.]

[ދެންހަމަ މަޢޫޒު ނުގެންދެވޭނެ ތޯއެވެ.]

[ގެންދެވިދާނެއެވެ..... އެކަމަކު ރަމްލާ ހުރިހާވަގުތެއް ހޭދަކޮށްލަން ޖެހެނީ ހޮޓަލުގެ ބަންދު ކޮޓަރި ތެރޭގައެވެ. ބުރެއް ޖަހާލެވޭނީވެސް ރޭގަނޑުއެވެ..... އަދި އެވަގުތު ކޮޅުގައިވެސް ބޭނުންހާ ތަނަކަށް އަހަރެމެންނަކަށް ނުދެވޭނެއެވެ.]

[އެކަމަކު މަޢޫޒު ބާއްވާފައި ދާހާ ހިތްވަރެއް އަޅުގަނޑުގެ ކިބައަކު ނުވެއެވެ.]

މުޢާޒު ހިތާމައާއެކު ރަމްލާގެ މޫނަށްބަލާލިއެވެ. ރުއިމުގެ ސަބަބުން އޭނާގެ ކޯތާފަތްވަނީ ތެމިފައެވެ. މިއަންހެން ކުއްޖާއަށް ޖެހިގެން މިއުޅެނީ ކޮންކަހަލަ ބައްޔެއް ކަމެއްވެސް ނޭގެއެވެ..... މުޢާޒު ވިސްނާލިއެވެ. އޭނާ ބައެއް ފަހަރަށް ހީވެސްނުލާ އިނދެދާނެއެވެ. ވާހަކަ ނުދައްކާ އިނދެދާނެއެވެ. އޭނާ ބޭނުންވަނީ ރަމްލާ ގެންދިއުމަށެވެ.... އޭރުން ރެޔާ ދުވާލު ރަމްލާގެ ގާތުގައި އޭނާއަށް ހުރެވިދާނެއެވެ.... އެކަމަކު ޔޫރަޕަށް ދާވާހަކަ ދެއްކުމާއެކު އޭނާއަށް ހީވީ ބިރެއް ފެނުނުހެންނެވެ. މުޢާޒުގެ ހިތުގައި ރަމްލާއާމެދު ހަމްދަރުދީ އުފެދިއްޖެއެވެ. އޭނާ ބުނަން ފެށިއެވެ.

[ރަމްލާއެވެ. އަހަރެމެން ދެމީހުން ދުނިޔޭގެ އެތަން މިތަނަށް ދަތުރުކުރުމަކީ އަހަރެންގެ އެދުމެކެވެ. ދުނިޔޭގެ ރީތި ތަންތަން ދެކިލުމަށެވެ. އެކަމަކު ރަމްލާ ހިތުން ރުހުމުން ޤަބޫލުނުވަންޏާ އަހަރެން މަޖްބޫރެއް ނުކުރާނަމެވެ. މިއީ ވަރަށް ރަނގަޅު ވަގުތެކެވެ..... އެންމެ ރަނގަޅެވެ. ވިސްނާލަބަލާށެވެ.... އަހަރެންގެ އަމިއްލަ އުފަލަކަށްޓައި މައުޞޫމް މަންމައަކަށް އަނިޔާއެއް ނުދެވޭނެއެވެ.] މިހެންބުނެފައި މުޢާޒު އަނެއްކޮޓަރިއަށް ހިނގައްޖެއެވެ....... ރަމްލާ ލަދުން އިސްދަށަށް ޖަހާލިއެވެ. ދެން އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.

[ބުނެބަލާށެވެ. ކަލޭ ފިރިމީހާއާއެކު ޔޫރަޕަށް ދާން އެއްބަސްނުވީ ކީއްވެގެން ހެއްޔެވެ؟ ކަލޭ ބޭރު ޤައުމުތަކަށް އުދުހޭ ހިތްނުވަނީ ހެއްޔެވެ؟ ކަލޭވެސް އެހެން އަންހެން ކުދިން ފަދައިން އެހުވަފެންތައް ދުށީމެއްނޫން ހެއްޔެވެ؟..... މަތިންދާ ބޯޓްގައި ބުރު ޖެހުމަށެވެ. ބޮޑެތި ބާޒާރުތަކުން ވިޔަފާރި ކުރުމަށެވެ. ދުނިޔެ ދުށުމަށެވެ. އެކަމަކު މިހާރު ތިޔަވީ ކިހިނެއް ހެއްޔެވެ؟

އެގޮތްކުޑަ ޔާދިރު ޙަޔާތުގެ މަގުތަކަށް ހުރަސްނޭޅިނަމަ މިދަތުރު ކުރިޔަށް ދިޔަހީއެވެ.... ކެތްކުރެވުނީހެވެ. އަދި މުޢާޒުއާއި އެކުގައި މިދަތުރުގައިވެސް ދެވުނީހެވެ. ޔާދިރުއާއި ދުރުހެލިވާށެވެ. ހުވަފެންތަކުގެ ކިޑިކީތައް ބަންދުކުރާށެވެ.

އެއީ ކާކު ހެއްޔެވެ؟...... ކަލެޔާ އޭނާއާ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟

ދުނިޔޭގައި ލޭގެގުޅުން ހުންނަ އެތައްބަޔަކު އުޅެއެވެ. އެހެން ނަމަވެސް ރުއިއާއި ނަފްރަތުގެ ސަބަބުން އެމީހުން އެކަކު އެނަކަކާ ވަކިވެދެއެވެ.... އޭގެ ތެރެއިން އެއްވައްތަރެއްގެ ގުޅުމަކީ އަޖައިބެއްފަދަ ގުޅުމެކެވެ. އެއަށް އެއްވެސް ނަމެއް ދެވިފައެއްނުވެއެވެ. މިއީ ހިތުގެ ގުޅުމެވެ. ނުވަތަ ރޫޙުގެ ގުޅުމެވެ... އެހެންނޫނީ ކޮންމެވެސް ވައްތަރެއްގެ ޖާދުވީ ގުޅުމެކެވެ... ކައިރިއަށް އަތުވެއްޖިއްޔާ އެހެން ހުރިހާ ގުޅުމެއް ފެނަށް ހަދާލައެވެ.

ޔާދިރުގެ ޝަޚްޞިއްޔަތަކީ ޙަޤީޤަތަކީ ޖާދުވީން ފުރިގެންވާ ޝަޚްޞިއްޔަތެކެވެ. އޭނާއަކީ ހުވަފެންތަކުގެ ދުނިޔޭގެ ޝަހެޒާދާ ކަހަލައެވެ. އޭނާ ފެނިފައި މަގުއޮޅިދާ ހިތްވެއެވެ... ބަޣާވާތްކުރުމަށް ހިތްއެދެއެވެ.... ފަށްފަށްކޮށް ރަމްލާގެ ހިތަށް މިކަހަލަ ޚިޔާލުތައް ވަންނަމުން ދިޔައެވެ.... ޙަޔާތަކީ ހަމައެންމެ ފަހަރަކު ލިބޭ އެއްޗެކެވެ. ޒުވާންކަމަކީ ހަމައެންމެ ފަހަރަކު ލިބޭ ނިޢުމަތެކެވެ......... ވީއިރު މިޙަޔާތާއި ޒުވާންކަމުގެ މައްޗަށް އިންސާނާ ފުރިހަމަކަން ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ އެ އިންސާނާއަށް އަމިއްލަ ރުހުމުގެ މަގު އިޚްތިޔާރުކުރުމުގެ ހުއްދަލިބިގެން ނުވަނީކީއްވެގެން ހެއްޔެވެ؟ ޙަޔާތުގެ ފުރަތަމަ މަގު ކަށިތަކުން ފުރި ހިނގުމަށް ދަތިވެއްޖިއްޔާ ދެވަނަ މަގެއް އިޚްތިޔާރު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ.... ބުނެބަލާށެވެ. ކީއްވެގެން ހެއްޔެވެ؟

މުޢާޒު ޔޫރަޕަށް ފުރިދުވަހު ރަމްލާ އިނީ ވަރަށްބޮޑަށް ހިމޭންވެފައެވެ. މުޢާޒުވެސް ހުރީ ހާސްވެފައެވެ. ރަމްލާގެ ކުށުގެ އިޙްސާސްތައްއޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. މައިދައިތަވެސް އޭނާއަށް ވިސްނައިދިނެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން